މިދިޔަ ހަފުތާގައި، މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 41 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 11 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މީގެ އިތުރުން 15 ފެބުރުއަރީގައި 8 އެކްސިޑެންޓު، މަހުގެ 16 ވަނަ ދުވަހު 6 އެކްސިޑެންޓު، 17 ވަނަ ދުވަހު ވެސް 6 އެކްސިޑެންޓު، 18 ވަނަ ދުވަހު 2، 19 ވަނަ ދުވަހު 6 އަދި 20 ވަނަ ދުވަހު 2 އެކްސިޑެންޓު ވަނީ ހިނގާފައެވެ.
މި އެކްސިޑެންޓުތަކުގެ ތަފްސީލަށް ބަލާއިރު، ގިނަ ހާދިސާތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން 33 އެކްސިޑެންޓެއް (80 އިންސައްތަ) ދުވާލު ހިނގާފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 8 އެކްސިޑެންޓެވެ. އެއީ ޖުމްލަ ހާދިސާތަކުގެ 20 އިންސައްތައެވެ. މި ހާދިސާތަކުގައި ޖުމްލަ 45 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، 11 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރޭގައި ހިމެނެނީ ކުދި 38 އެކްސިޑެންޓާއި ސީރިއަސް 3 އެކްސިޑެންޓެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 11 އެކްސިޑެންޓް ހިނގާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. އެއީ 8 އެކްސިޑެންޓެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން، މާލޭގައި 36 އެކްސިޑެންޓު ހިނގާފައިވާއިރު، ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.
މި އެކްސިޑެންޓުތަކުގައި އެންމެ ގިނައިން ހިމެނެނީ ސައިކަލުތަކެވެ. އެގޮތުން ސައިކަލަކާއި ކާރެއް ޖެހިގެން 9 އެކްސިދެންޓު އަދި ސައިކަލާއި ސައިކަލެއް ޖެހިގެން 8 އެކްސިޑެންޓު ވަނީ ހިނގާފައެވެ.
މިމަހުގެ ދެވަނަ ހަފްތާގައިވެސް 43 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެހެންކަމިން މިދިޔަ ހަފްތާގައި ހިނގާފައިވަނީ މިމަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ދަށް އަދަދެއްގެ އެކްސިޑެންޓުތަކެކެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ހުރިއިރު، އުޅަނދުތަކަށް އެތައް ގެއްލުމެއް ލިބެއެވެ. އެހެންވެ، ފުލުހުން ވަނީ މަގުތައް ބޭނުންކުރާއިރު، ޓްރެފިކް ޤަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

