ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ ފަހަކަށް އައިސް ދިވެހި މުޖުތަމައު ތެރޭގައި ވަރަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި އެހެން ކަމުން އެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެކަށީގެންވާ ރަނގަޅު އިސްލާހީ ކަންތައްތަކެއް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓުން އެޅުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ރައީސް ވިދާޅުވީ ލޯނު ފެސިލިޓީގެ ދަށުން އަޅަން އޮތް ފެސިލިޓީ އަޅަން އޮތީ ލ. ގަމުގައިކަމަށެވެ. އެ ޕްރޮޖެކްޓް ކެންސަލް ނުކޮށް މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރުގެ ހާލަތައް ބެލުމަށް ފަހުގައިކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖަނަވަރީން ފެށިގެން ވަރަށް ގިނަ ފަރާތްތަކަށް ޚިދުމަތް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަނަވަރީ 1 އިން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކިއެކި އަތޮޅުތަކުގައިވެސް މިކަމާއި ގުޅޭ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ދާއިރާގެ ކަންކަން ހައްލުކުރަން މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށާއި، މިދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެކަށީގެންވާ ކަންތައްތަކެއް ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި ދާއިރާގެ ފަރުވާތައް އާސަންދައިން ދޭގޮތަށް ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ބަދަލަކީވެސް ރައްޔިތުންގެ އަތުންދާ ހަރަދުތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިކަމެއްކަމަށެވެ.

