logo

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ކުރި މެސެޖްތަކަށް ޖަވާބުދިން: ވަޒީރު އިޙްސާން

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް ކަމަށާއި، އެފަރާތުން ފުލުހުންނަށް ކުރި މެސެޖްތަކަށް ފުލުހުން ޖަވާބުދިން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ދަނާލުގައި ނިޔާވި މީހާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40ގައި އެ އަންހެން މީހާގެ ފަރާތުން ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.

އަދި އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެރޭ ދަންވަރު 12:38ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށާއި އޭގެ 3 މިނެޓު ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއީ އެ އަންހެން މީހާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށްވެސް ވިދާޅުވިއެވެ.

އިތުރު ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން، އިންޓާނަލީ އަދި އެހެނިހެން މިނިވަން މުއައްސަސާތަކުންވެސް ރިވއުއެއް ކުރާނެކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތްކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ވަޒީރު ވިދާޅުވިއެވެ.

ad