ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ރޯދައާ ދިމާކޮށް އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވި ބައެއް މީހުންނަށް ފުރޭ ގޮތް ނުވިއެވެ. އަލްއަބްރާރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއްގެ ދަތުރު ކެންސަލު ކުރިއެވެ. އެކަން ކުރީ އިޒްރާލާއި އެމެރިކާއިން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅުވަ އެވެ. ނަމަވެސް ކެންސަލުކުރީ މަގުބޫލު ސަބަބެއް ނެތި ގަވާއިދާ ހިލާފަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފަ އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައި ކަމަށް ވިދާޅުވި އެވެ.
އަދި މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވާކަމަށާއި، އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

