logo

ދެ އިންތިހާބު އެއްކޮށްލަން ކޮމިޓީން ފާސްކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް، ކޮމިޓީ ރިޕޯޓު ފާސްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލު ފާސްކުރީ އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ. މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ad