ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، 55 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.
އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާކަމަށެވެ.
މި މަސައްކަތުގެ ދަށުން، ފާއިތުވި 6 ދުވަހުގެ ތެރޭގައި އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެެހެންކަމުން އެ ސަރަހައްދުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ބޮޑު މިނަކީ 55 ހެކްޓަރެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަ 63 ހެކްޓަރުގެ ބިމެވެ.
މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ 22،000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އަދި އޮރެންޖް އިންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ފެށި މި މަޝްރޫއުގެ މަސައްކަތައް މަޑުޖެހުމެއް އައީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.
މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މި މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

