ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީ އިންތިހާބުކޮށްދީފިނަމަ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ރާއްޖެ" ތަރާވީސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމަށެވެ. އެމަނިކުފާނުގެ މޭޔަރު ކަމުގައި ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރައްވަން ފެއްޓެވި ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ހުރިހާ ކަމެއް ހުރީ ހުއްޓިފައި ކަމުގައި ވިދާޅުވި އެވެ.
އެހެންް ކަމުން އެކަން އެގޮތުގައި އޮތުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުންދީ ކަންކަަން ކުރެވޭނެ ކައުންސިލެއް އިންތިހާބުކޮށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު، މަޖިލިސް އިންތިހާބުގައި އާއި ލޯކަލް ކައުންސިލް އިނތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދެވެ. އެ މެމްބަރުން މަޖިލިހަށް ވަޑައިގެން ކުރައްވަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އަދާކުރައްވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވީމަ، ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވާލެވި، ފުރަތަމަ އަހަރު ވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހެއް އޮތުމުން، ވެރިކަމުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 ވަނަ އަހަރު މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިތައް ދިމާވިއެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވެ ދެއްވީ އެ އަހަރަށް ލަފާކޮށް އެމްޑީޕީން ބޭނުންވި ބަޖެޓެއް މަޖިލިހުން ފާސް ކުރުމެވެ.
ރައީސް ވިދާޅުވީ އަލަށް ގެންނަ ބަދަލާއެކީގައި ރައްޔިތުން ނިންމާ ނިންމުމާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ފުރަތަމަ އަހަރު ވެސް ފެށިގެންދާނެ ކަމަށެވެ.
ރައީސް ތަކުރާރުކުރައްވާ ވިދާޅުވީ އެމަނިކުފާނާއި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރެއާއި ދުވާލު ނަތީޖާ ނެރެދިނުމުގައި ކަމަށާ އެހެން ކަމުން ނަތީޖާ ނެރެދިނުމުގައި ހުރަހަކަށް ވާނެ ކައުންސިލްތައް އިންތިހާބު ނުކުރުމަށް އެދިވަޑައިގަތެވެ.
ރައީސް ވަނީ މާލެ ސިޓީގެ އިތުރުން އެހެނިހެނން ސިޓީތަކުންނާއި ރަށްރަށުން ވެސް އެގޮތަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

