ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އަށް އަލަށް ގެނައި ބަދަލުގެ ސަބަބުން ހުސްނުވާ އާސަންދަ ސްކީމްގެ ތެރެއިން ބަލިމީހުންނަށް ދެވޭ ފަރުވާ އިތުރުކޮށް ރާއްޖޭން ލިބޭ ފަރުވާ އަށް ވެސް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ދޭން ނިންމައިފި އެވެ.
އާސަންދައިން ހަރަދު ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށް، އިއްޔެ ވަނީ ޝާއިއުކޮށްފައެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮންނަ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ. އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވެއެވެ. މިގޮތުން ބެލެވެނީ ބަލީގެ ބާވަތާއި ބަލީގެ ހާލަތާއި ރާއްޖޭގައި ލިބެން ހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް ކަމަށް ވެސް ގައިވައިދުގަ ވަނީ ބުނެފައެވެ.
އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ހާއްސަ ޑޮކްޓަރުން ލަފާދިނުމުން، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތަކަށްވެސް އާސަންދައިގެ އެހީ ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަަދި މި ބަދަު ގެނެވިފައިވާއިރު، އެންސްޕާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތަކަށް ވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އެންސްޕާގެ ބައެއް ހިދުމަތްތައް ވަނީ އާސަންދައަށް ބަދަލުކޮށްފައެވެ. އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދޭތީ، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ނުދެވޭ ކަންކަމުގެ މާއްދާގައި ކުރިން ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުުންވާ އާލަތްތަކުގެ ހަރަދުގެ ބައި ވަނީ އެ މާއްދާއިން އުނިކޮށްފަ އެވެ. (ހިއަރިން އެއިޑް، ވީލްޗެއާ ފަދަ ތަކެތި) ގެ ހަރަދުތައް އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުން ވަނީ އުނި ކޮށްފައެވެ.


