ރ. އަތޮޅުގައި ދެމުން އަންނަ އާރުޓީއެލް ފެރީގެ ޚިދުމަތަށް އާ ރޫޓެއް އިތުރުކޮށް، އެ އަތޮޅުގެ އުނގޫފާރާއި ދުވާފަރު ޚާއްސަ ފެރީއަކުން މާދަމާއިން ފެށިގެން ގުޅާލަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މި ނިންމުން ނިންމާފައިވަނީ ރ. އަތޮޅަށް މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދުނު އެދުމަކަށް، ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކަމަށެވެ.
މިނިސްޓްރީން ބުނީ، މި އާ އިންތިޒާމުގެ ދަށުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން 8:30އަށް، މެންދުރު 12:00އިން 12:30އަށް، އަދި ހަވީރު 4:00އިން 4:30އަށް ދެ ރަށުގެ ދެމެދު ދަތުރުތައް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ދެ ރަށުގެ ދެމެދު ކުރާ މި ދަތުރުތަކަށް ހޭދަވާނީ ދިހަ މިނެޓެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދުވާފަރާއި އުނގޫފާރު އެއް ރޫޓަކުން ގުޅާލެވުމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެ، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެ ކަމަށެވެ.
މި އާ ރޫޓްގެ ސަބަބުން ރ. އުނގޫފާރާއި، ރ، ދުވާފަރާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ވެސް ވަނީ ބުނެފައެވެ. އެގޮތުން މި އާ ރޫޓްގެ ހިދުމަތް ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެގޮތުން ޖުމްލަ 25 ފަސިންޖަރުންނާއެކު ދަތުރުކޮށްލެވޭ ފެރީއެއް މި ރޫޓް އަށް ހަމަޖެހިފައިވާއިރު މި ފެރީގެ 2 ސީޓު (އެންސްޕާ) ގައި ރަހިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކަަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މި ރޫޓްގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

