ސިޔާސީ ޕާޓީގެ ގާނޫނާއި ތަކުރާރުކޮށް ޚިލާފުވެފައިވާތީވެ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ފަރާތުން ޕީއެންއެފްގެ ރައީސް، ރައީސް ޔާމީނަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ، ޕީއެންއެފް އިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާއި ތަކުރާރުކޮށް ޚިލާފުވެފައިވާތީވެ، އެގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެޕާޓީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާކަމުގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫގެ 45 ވަނަ މާއްދާގެ އ ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމަކީ މަނާކަމެކެވެ. ހަމައެހެންމެ، އެ މާއްދާގެ މ ގައި ބަޔާންކޮށްފައިވަނީ އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.
ޕީއެންއެފްއާމެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ކުރިން، މައްސަލަ ހައްލުކުރުމަށް ކޮމިޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޕީއެންއެފްގެ އަމަލުތައް އިސްލާހުކުރުމަށް އެދި މީގެ ކުރިންވެސް އެ ޕާޓީއަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ކޮމިޝަނާއެކު ބައްދަލުވުމެއް ބޭއްވުމަށްވެސް އެ ޕާޓީއަށް ދައުވަތު ދިން ކަމަށާއި ނަމަވެސް، ހާޒިރު ވެފައި ނުވާކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
މިފިޔަޅުގެ އިތުރުން، ޕީއެންއެފް ނުވަތަ އެޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އެ ފަރާތްތަކާމެދު އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެކަން ކޮމިޝަނުން ވަނީ އަންގާފައެވެ.
ޕީއެންއެފްގެ ސަޕޯޓަރުންތަކެއް މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާގޮތަށް ތަކުރާރުކޮށް ފާޑުކިޔަމުންނެވެ.

