logo

ދައުލަތުގެ ބެލުމުގެ ދަށުގައިވާ 111 ކުއްޖަކަށް ޢާއިލީ ވެއްޓެއްވަނީ ހޯދައިދެވިފައި: ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
8 ގަޑިއިރު ކުރިން

17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކަށް ލޯތްބާއި އަޅާލުން ލިބޭނެ އުފާވެރި ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެގޮތުން، ވަޒީރު ވިދާޅުވީ ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެއްކަމުގައެވެ. އެހެންކަމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ކުދިން ހެދިބޮޑުވުމަށް ބޭނުންވާ ލޯތްބާއި އަޅާލުން ލިބޭނެ ރައްކާތެރި އާއިލީ ވެއްޓެއް ކޮންމެ ކުއްޖަކަށްވެސް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

ކުދިން އާއިލާތަކާ ހަވާލުކުރުމުގެ ނިޒާމު ނުވަތަ 'ފޮސްޓަރިން ސިސްޓަމް' ކުރިން އޮތްގޮތުން ކަންކަން ނިމުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި 'ޓެމްޕަރަރީ ފޮސްޓަރިން' ނުވަތަ ވަގުތީ ގޮތުން ކުދިން އާއިލާތަކާ ހަވާލުކުރެވޭނެ ނިޒާމެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު، އުސޫލުތަކުގެ ތެރެއިން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް މަރުހަލާތައް ކުރުކޮށް ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި މި އުސޫލުތައް ވަނީ ގެޒެޓުކޮފައެވެ.

މީގެ އިތުރުން، ކުދިން ބެލެހެއްޓުމުގައި އާއިލާތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުން ވަނީ ހާއްސަ އެލަވެންސެއް ކަނޑައަޅާފައެވެ. އެގޮތުން ފޮސްޓަރ ކުރާ ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވެންސެއް ދޭން ފެށުމުން، ކުދިން ބަލާ އާއިލާތަކަށް ބޮޑު ލުޔެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމުގައި މުޖުތަމައުން މިކަމަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، ކުދިން ފޮސްޓަރ ކުރާ އާއިލާތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ގިނަ އަދަދެއްގެ އާއިލާތަކުން ކުދިންނާ ހަވާލުވެ، އެކުދިންނަށް އުފާވެރި މާހައުލެއްގައި ހެޔޮގޮތުގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަކީ މުޅި މުޖުތަމައަށް ލިބޭ ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ad