ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވަމުންދާތީ ކަރަންޓް ބޭނުންކުރާ ވަގުތު ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާރ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވޭނީ 70 މިލިއަން ލީޓަރުގެ ޑީސެލް ކަމަށެވެ. އެީ 25 މިލިއަންގެ ޕެޓްރޯލް ކަމަށެވެ. އެއީ 20 ދުވަހުގެ ސްޓޮކެއް ކަމަށެވެ. މީގެ ސަބަބުން ތެޔޮ އަގު އުފުލެމުންދާއިރު ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
އެހެންކަމުން މިވަގުތުން ފެށިގެން ވެސް މިކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓާރ ފިއުލް ދެގުނަ ކުރަންޖެހޭނެ ކަމަށާއި، ކަރަންޓް ކަޑާ ގަޑި ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި، ސަރުކާރު އޮފީސްތަކާއި ސުކޫލުތައް ހުޅުވާ ގަޑި މަދުކުރުމާއި، އިޖްތިމާއީ ހަރަކާތްތައް މަދު ކުރުމާއި، މަސްވެރިކަމާއި ރިސޯޓްތަކަށް ތެޔޮ ކަށަވަރު ކުރުމާއި، އޭވިއޭޓާރ ފިއުލް ކަށަވަރު ކުރުމާއި، ހުޅަނގު އޭޝީއާ ހުރަސްކުރަން ނުޖެހޭ މަތިންދާ ބޯޓް އަދި ކަނޑު ބޯޓް ފަހަރުގެ ރޫޓް ތައް ހޯދާ ސަޕްލައި ލައިން ބަދަލުކުރުންވެސް މުހިންމު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުން ދަތިވުމާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ. ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިމްޕޯޓައް ބަރޯސާވެފައިވާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަމާލަތީ ކަންކަން އެ ކޮމިޓީއިން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމާއި އެކަށީގެންވާ ވަގުތުގައި ހަރުދަނާ ނިޒާމެއްގެ ދަށުން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވިދާޅުވިއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު މިހާރު ވަނީ ބޮޑުވެފައެވެ. ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް އަގު އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ގޮތެއް ނިންމުމުގެ ކުރިން ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ ކަމަށެވެ. އެގޮތުން ތެލާއި ގޭހަށް ބަލާކަމުގައިވާ ނަމަ، އެއްވެސް ދަތިކަމެއް ނެތި ލިބުން އަދިވެސް އެބަހުރިކަމަށް ވިދާޅުވިއެވެ. އެކަމަކު ތެލުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި ކަމަށާއި، މިސާލަކަށް ޓާމިނަލުން ގަންނަ އަގަށް ބަލާއިރު، ހަނގުރާމަ ފެށުނުއިރު ހުރި އަގަށް ވުރެ ޑަބަލް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ ގެންނަ މައިގަނޑު ސަރަހައްދަކީ މެދުއިރުމަތިން ކަމަށްވުމުން، އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކައިރި ގައުމުތަކާއި އަދި އެހެންވެސް ގައުމުތަކުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރެވޭކަމަށެވެ. މިއީ ވަކި ގައުމަކަށް ނޫނީ މަދު ގައުމަށް ބަރޯސާ ވުމުގެ ބަދަލުގައި ތެޔޮ ހޯދުމަށް ޑައިވާސިފައި ކުރުމަށް ކުރެެވެމުންދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.


