ފިތުރު އީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، އީދު ސަލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.
މުލީއާގޭގައި ބޭއްވެވި އީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް އީދު ސަލާން ކުރުމަށްޓަކައި އެ މަނިކުފާނުގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.
އީދު ދުވަހާ ގުޅިގެން، ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ދާނެއެވެ. "އީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ.

