ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ލިބޭ އެތުލީޓު ހޮވައިފިއެވެ.
މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދާނެއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް މިއަހަރު ލިބުނީ އެންމެ އެތުލީޓަކަށެވެ. އެއީ ރާޅާއެޅުމުގެ ކުޅިވަރުން ވިދަމުން އަންނަ ޒުވާން އެތުލީޓު ސައްޔިދު ސަލާޙުއްދީންއެވެ.
ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިންގ ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެއެވެ. މީގެ އިތުރުން، މުބާރާތާއި ޓްރެއިނިންގ އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްއަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕް ލިބޭ އެތުލީޓުން ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.

