logo

ވަޒީފާގެ ފުރުސަތުތަކާއެކު ޚާރިޖީ ވުޒާރާގެ އޯޕަން ޑޭ ފަށައިފި

ދިޔާމާ އިބްރާހިމް
10 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާރިޖީ ކަންކަމާ ގުޅޭ މައުލޫމާތާއި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް އޯޕަންޑޭއެއް ފަށައިފިއެވެ.
'ހާރިޖިއްޔާ ދިވެހީންނާ ގާތަށް' މިނަމުގައި ބާއްވާ އޯޕްންޑޭ ކުރިއަށްދަނީ އެ މިނިސްޓްރީގެ ގްރައުންޑް ފްލޯގައެވެ. މިއަދު މެންދުރުފަހު 3:00 އިން 6:00 އަށް ބާއްވާ މި ހަރަކާތަކީ އެ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށާއި، މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން، "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިޢާރުގެ ދަށުން ބާއްވާ މި އޯޕަން ޑޭއަކީ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ހަރަކާތުގައި އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ކައުންޓަރުތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މައުލޫމާތު ދިނުމަށް ވިސާ ކައުންޓަރަކާއި، ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ އިރުޝާދު ދިނުމަށް ޚާއްސަ ވީއެފްއެސް ސަރވިސަސް ޑެސްކެއްގެ އިތުރުން، މިނިސްޓްރީގެ މުވައްޒަފުންނާ ސީދާ ވާހަކަދައްކައިގެން ޚިދުމަތްތަކާ ގުޅޭ އިރުޝާދާއި މަޢުލޫމާތު ސާފުކުރުމަށް ހަދާފައިވާ، ކޯލް ސެންޓަރަކާއި، މިނިސްޓްރީގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޝައުޤުވެރި ހަރަކާތްތަކެއް ހިމެނޭ ގޮތަށް ކުއިޒް އަދި ޓްރިވިއާ ކައަުންޓަރެއް ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި، ފަންނީ ގޮތުން ކުރިއަށްދިއުމުގެ މަގުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ޖޮބް ކޯނާއެއް ހިމެނެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް މި ހަރަކާތުން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތަކީ އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ކޮންސިއުލަރ ޚިދުމަތްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ އިތުރުން، ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާ ރައްޔިތުންނާ ގާތަށް ގެނެސްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް މިނިސްޓްރީން ވަނީ ހަމާކޮށްފައެވެ.

މި ހަރަކާތަކީ ރާއްޖޭގައި ޚާރިޖީ ކަންކަމާ ގުޅޭ މަޢޫލޫމާތާއި ޚާރިޖީ ޚިދުމަތްތަކަށް މީހުން އަހުލުވެރި ކުރުވުމަށް މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ ހަރަކާތެވެ.

ad