މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދުތައް %5.9 ދަށްވެ، ފުރަތަމަ ދިހަ މަސްދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ %6 އިތުރުވެފައިވާކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އިން ނެރުނު ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ އޮކްޓޫބަރު މަހު ދައުލަތުން ހޭދަކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 3.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަވީ ތިން ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރިކަރަންޓް ޚަރަދަށް ހޭދަކުރި 3.1 ބިލިއަން ރުފިޔާއަށްވުރެ %3 މަދު އަދަދެކެވެ. ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 1.9 ބިލިއަން ރުފިޔާގައެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އޮކްޓޫބަރު މަހު 1.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ހިންގުމުގެ ޚަރަދުގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތަކާއި ކެޕިޓަލް ޚަރަދުތަކަށް ކުރި ހޭދަވެސް ވަނީ ބޮޑުތަނުން ދަށްކުރެވިފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކެޕިޓަލް ޚަރަދުގެ ގޮތުގައި 677 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ %24.9 ދަށްވެ، 542 މިލިއަން ރުފިޔާއަށް ތިރިވެފައެވެ.
ޚަރަދުތައް ކޮންޓްރޯލް ކުރެވުމާ އެކުއެކީގައި، ދައުލަތަށް ލިބުނު އާމްދަނީ ވަނީ ކުރިއެރުން ހޯދާފައެވެ. މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރުގެ ނިޔަލަށް ސަރުކާރަށް 35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 32 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %6 ގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ދެ ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ވަން 513 މިލިއަން ރުފިޔާ ހިމެނެއެވެ.

