ހުޅުމާލޭގެ އުތުރު ފަރާތު ލަކުޑި ޖެޓީއަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކުރުމަށްފަހު، އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ނިމުނު މޭމަހުގެ 26 ވަނަ ދުވަހުގައެވެ.
ހުޅުމާލެ ބަލަހައްޓަ ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން އެ ޖެޓީ ބަންދުކުރީ، ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވުމުންނެވެ.
ޖެޓީ ބަންދުކުރުމަށްފަހު ރައްކާތެރިކަމާ ގުޅޭގޮތުން ހަދަންޖެހޭ ހާއްސަ އެސެސްމަންޓްތައް ހެދުމަށްފަހު،-ބާރުސްޕީޑުގައި މަރާމާތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މި ޖެޓީގެ މަރާމާތު މުޅިން ނިންމައި، ކުރިއެކޭ އެއްގޮތަށް މިހާރު ޖެޓީ ބޭނުންކުރެވޭނެކަމަށެވެ.
