ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދާތީ މަޑުކުރަން އެންގުމުން، މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ރަންފަސް، އިބްރާހިމް އަޒުލިފް ހުސެއިން، 30، އެވެ.
އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވާފައި ދާ މަންޒަރު ފުލުހުންނަށް ފެނިގެން މަޑުކުރަން އެންގި އެވެ. އެކަމަކު މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވީ އެވެ. އެކްސިޑެންޓުވުމުން އޭނާ ޗެކްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފައި ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އޭނާގެ އަތުން ފެނުނީ ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތި ކަމަށާއި އެކަމަކު އޭނާ ގެންގުޅުނީ އެންމެ ދެ ރަބަރު ޕެކެޓު ކަމަށް ބުނެފައިވެ އެވެ.

