logo

ރާއްޖޭގެ ތާރީޚުގައި ބިިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ރާއްޖޭގެ ތާރީޚުގައި ބިިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާއާއި މަޝްވަރާ ކުރެއްވުމަށްފަހުގައި އެ މިސްކިތަށް ނަންދެވިފައި ވަނީ ރާއްޖެ އެރަދުންނަށްޓަކައި ފަޚުރުވެރިވާ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ހަވާލުކުރީ އިއްޔެއެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައްރާޖިޙީ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.

ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަކީ ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރއެވެ. މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށާއި މިއީ އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށްވާނެކަމަށެެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތައް ވެސް މި މިސްކިތުގައި ފަރުމާކުރާނެއެވެ.

މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ

އަދި އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެއެވެ.

ad