logo

ސައިބަރ ކުށުގެ %68 އަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ރާއްޖޭގައި ހިންގާ ސައިބަރ ކުށުގެ %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން ނެރުއްވި ޚާއްސަ ޚިތާބުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖެއިން ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އާބާދީގެ ގާތްގަނޑަކަށް %85 މީހުން އިންޓަރނެޓާއި، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

ޓެކްނޮލިޖީއާއެކު ފަސޭހަތައް ވިނަމަވެސް، އިންޓަނެޓުގެ ޒަރިއްއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލިވެސް އެތައް ގުނައަކަށް ހަލުވިވެފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ދޭ ޚިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށް ކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައް އިތުރުވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ، ތަރައްޤީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ، ކޮންމެ ފަރުދަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ، ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެންކަން ފާހަގަކުރައްވާފައެވެ.ކޮމިޝަނަރ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ.މިފަދަ މައްސަލަތައް ދިމާވަނީ ހޭލުންތެރިކަން ކުޑަވުމާއި އިހުމާލުގެ ސަބަބުންކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި، ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އޮންލައިންކޮށް މުއާމަލާތް ކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އަދި ސައިބަރ ކުށްތައް ހުއްޓުވައި، ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުން އަންނަކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މިމަސައްކަތުގެ ދަށުން ރައްޔިތުން އެފަދަ ކަންކަމަށް ފާރަވެރިކުރުވައި، ޑިޖިޓަލް ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ދަނީ ހިންގަމުންނެވެ

ކޮމިޝަނަރ ވިދާޅުވި ގޮތުގައި ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ، ހަމައެކަނި ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ކުރާ މަސައްކަތުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. މިކަމުގައި ކޮންމެ ފަރުދެއްގެވެސް އަދި ކޮންމެ މުއައްސަސާއެއްގެވެސް ހިއްސާއާއި ޒިންމާ ހާސިލުވެއެވެ.ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް އެކައުންޓުތަކުގައި ވަރުގަދަ ޕާސްވޯޑާއި، "ޓޫ-ފެކްޓަރ އޮތެންޓިފިކޭޝަން" ބޭނުން ކުރުމަށާއި، އޯޓީޕީއާއި ޒާތީ މައުލޫމާތު އެއްވެސް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް ކޮމިޝަނަރ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އޮންލައިންކޮށް ފެންނަ ޚަބަރުތަކާއި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމެއްނެތި ފެތުރުމުން ދުރުހެލިވުމަށާއި، ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް، ފުލުހުންގެ ޚިދުމަތަށް ރިޕޯޓް ކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމާއި، އެ މައުލޫމާތަކީ އަމާނާތެއްގެ ގޮތުގައި ބަލައިގަނެ ރައްކާތެރި ކުރުމަކީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި އައިޓީ ނިޒާމުތައް އަބަދުވެސް ރައްކާތެރިކޮށް އަޕްޑޭޓް ކުރުމާއި، މުވައްޒަފުންނަކީ ސައިބަރ ނުރައްކާތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން ސައިބަރ ހަމަލާއެއް ނުވަތަ ޑޭޓާ ބްރީޗެއް ކުރިމަތިވެއްޖެ ހާލަތުގައި ވަގުތުން ފިޔަވަޅު އަޅައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރެއްވިއެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ސައިބަރ ކުށްތަކަށް އާންމުން ހޭލުންތެރި ކުރުމަށް މި މަހުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ހިންގާ ހަރަކާތްތަކުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ ވާހަކަތަކަކީ، ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް ދެކެވެންޖެހޭ ވާހަކަތައް ކަމަށާއި، ދަރިންނަށް ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް އުނގަންނައިދީ، އެކުދިން އޮންލައިންކޮށް ގުޅުން ބާއްވަނީ ކޮން ބަޔަކާތޯ ބެލުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.މީގެ އިތުރުން އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނަކީ ސައިބަރ ކުށްތަކަށް ފަސޭހައިން ހުށަހެޅިދާނެ ބަޔަކަށްވުމާއެކު އެ މީހުންނަށް ވިސްނައިދީ، އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ، ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައިވާ އާއިލީ އަދި އިޖުތިމާއީ ޒިންމާއެއް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ..

ad