ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 18:00 އާ ހަމައަށެވެ. މެޓުން ބުނީ ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެން ވާކަމަށެވެ. އަދި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މެދުނުކެނޑި ރެކޯޑުކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަނީ ރ. އިފުރަށެވެ. އެއީ 37.0 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

.jpg&w=3840&q=75)