logo

އިގުތިޞާދު ދަނީ ދަށަށް، ފަތުރުވެރިކަން ނެތި ދާން ފުރުސަތު ދީގެން ނުވާނެ: މެންބަރު އައްބާސް

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ރާއްޖޭގެ އިގުތިޞާދުގެ މައި އެއް ތަނބު ކަމަށްވާ ފަތުރުވެރިކަން ނެތި ދާން ފުރުސަތު ދީގެން ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލަހު ގެނައުމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ ރައްޔިތުންގެ އިގްތިސޯދުގެ މައިބަދަ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މިއަދު މިހާލަތުގައި މި ދިރިއުޅެވެނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާގެ ސަބަބުން ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފަ އެވެ.

މެންބަރު އައްބާސް ވިދާޅުވީ، ދިވެހިންނަކީ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އަދި އެހެނިހެންވެސް އުފެއްދުންތެރިކަމުގެ ވަސީލަތްތައް ހުރިކަމުގައި ވިޔަސް އެކަން ހަރުދަނާ ކޮށް، ރަނގަޅުގޮތުގައި، ދެމެހެއްޓެނިވި ގޮތުގައި ނުކުރުމުގެ ސަބަބުން މާ ބޮޑު މަންފާތަކެއް އެކަން ކަމުން ލިބޭ ބައެއް ނޫން ކަމަށެވެ. އަދި ފަތުރުވެރިކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމަން ވާނީ ވަރަށް ވިސްނަފައި ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ 80 އިންސައްތަ އިންވެސްޓަރުންނަކީ ބޭރުގެ އިންވެސްޓަރުން ކަމަށެވެ. އަދި އެ އިންވެސްޓަރުންގެ ފައިސާ ރާއްޖެއަށް ވަދެ، ރާއްޖޭގެ ބޭންކުތަކުގައި ދައުރުވާނެ ގޮތަކަށް ގާނޫނަށް އިސްލާހު ނުގެނެސް، ރާއްޖެއަށް ފަތުރުވެރިން ފޮނުވާގޮތަށް ހަދާފައި ހުރި ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމް ތަކަށް ކުޅެން ގާނޫނަށް އިސްލާހު ހުށަހެޅުމަކީ މިވަގުތަށް، މިހާލަތަށް އެންމެ ރަނގަޅު ގޮތްތޯ އައްބާސް ވަނީ ސުވާލު އުފައްދާފަ އެވެ.

އައްބާސް އެ ގާނޫނަށް ދެކޮޅު ނޫން ކަން ފާހަގަކުރައްވާ ވިދާޅުވީ މި ގައުމުގެ އެންމެ ވެލިފުކެއް ބޭނުން ކޮށްގެން ދިވެހި ދައުލަތަށް އެންމެ ލާރިއެއްގެ މަންފާ ލިބުނަސް އޭނާ އެކަމަކަށް ތާއީދުކުރައްވާނެ ކަމަށެވެ.

މިއަދު ކޮންމެ ސަރުކާރަކުން ފަތުރުވެރިކަމާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނައިރު، ފަތުރުވެރިކަން ހިމެނޭހެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން މިހާތަނަށް މަސައްކަތްކޮށްފައި ނުވާކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވީ މަސް ދޯނިފަހަރުގައި މިއަދު ގިނައިން ތިބީ ބިދޭސީން ކަމަށާއި ދިވެހީން މަސްވެރިކަންކުރަން ނުނިކުންނަ ކަމަށެވެ. އޭގެ އިތުރުން ވަޑާންކުރާ މީހުންނާއި ރާނާ މީހުން ވެސް ނުއުފެދޭ ކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

ޢައްބާސް ވިދާޅުވީ ރާއްޖޭގެ އިގުތިޞާދު ރަނގަޅުވާނީ މަސައްކަތުގެ މާހައުލަށް ދިވެހި ޒުވާނުން ވެސް ނިކުމެގެން ކަމަށެވެ.

ad