logo

ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ތައިލެންޑްގެ ކެބިނެޓުން ވިސާޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާއްމުކުރި ނިންމުމުގައި، ވިސާއާނުލާ ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭގޮތަށް ވަނީ ހަމަޖައްސައިފިއެވެ.

މިމަހުގެ 14ގައި ނިންމި މިއައު ވިސާޕޮލިސީގައި ވިސާއާ ނުލާ އެޤައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށްހަމަޖައްސައިދިން ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ. މީގެ ކުރިން، 19 މެއި 2026 ގައިތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށްވަނީ ނިންމާފައެވެ.

‎މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެކްސެލަންސީ ސިހާސަކް ފަންގްކެޓްކޯ އާއިއެކު 29 ޖޫން 2026ގައި ބޭއްވެވި ފޯނުކޯލުގައި މިކަމާގުޅޭގޮތުން ކުރެއްވި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލާ ތިބެވޭ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ އެކަމަކީ ދިވެހިރާއްޖެއިން މަރުހަބާ ކިޔާކަމެެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުން ކަމަށާއި، އެހެންކަމުން، އެކަން އާއްމުކޮށް އިޢުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާނުލާ ތައިލެންޑަށް އަދި ދަތުރު ކުރެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނި ބުނެފައެވެ.

ad