2026 ވަނަ އަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފިއެވެ.
މިއީ ޓެކްނޮލޮޖީގެ އެހީގައި އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެސްއެކެވެ.
މިކޮންފަރެންސް ފައްޓަވާ ދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި 2026ވަނަ އަހަރުން ފެށިގެން 2030ގެ ނިޔަލަށް އެކުލަވާލާފައިވާ ސިވިލް ސަރވިސްގެ އެކްޝަން ޕްލޭނާއި، ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތް ވަނީ ނެރެފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ފަހަރުގެ އެންމެ ބޮޑު އަމާޒެއް ކަމަށެވެ. އަދި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާގެ އަލީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ސިވިލް ސަރވިސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވިގެންދާނެކަމަަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްވެސް މަޝްވަރާކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މިހާރު ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މި މަހާސިންތާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސާނީ ވަސީލަތް ކަމަށްވާ 35،000 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ސިވިލް ސަރވިސްގެ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން މުޖުތާޒު ވިދާޅުވީ، 2009އިން ފެށިގެން މުސާރައިގެ ކުރިއެރުން ހުއްޓިފައި ތިބި އެތައް މުވައްޒަފަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ކުރިއެރުން ހޯދައިދެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މާލެއާއި އަތޮޅުތެރޭގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހުރި ތަފާތުތައް ކުޑަކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މި ކޮންފަރެންސްގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ކޮމިޝަނުން ދެއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ސިލްސިލާގެ ފަސްވަނަ ކޮންފަރެންސްގައި މިއަހަރު 300 އެއްހާ މަންދޫބުން ބައިވެރިވެއެވެ. މިއަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައެވެ. ކޮންފަރެންސްގެ ބައިވެރިންގެ ތެރޭގައި ސިޓީ އަދި ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހިމެނޭއިރު، ޖުމްލަ 8 ދާއިރާއަކަށް އަމާޒުކޮށް 18 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެންމެ 80 ބައިވެރިންނާ އެކު 2014ވަނަ އަހަރު ފެށި މި ކޮންފަރެންސް މިހާރު ވެފައި ވަނީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާ ޢިލްމީ މަންސައަކަށެވެ.
އެކޮމިޝަނުން ފާހަގަ ކޮށްފައިވާ ގޮތުގައި މިއީ ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތް ހަރުދަނާކުރުމަށް މަސައްކަތްކުރެވި، މާލެއާއި އަތޮޅުތަކުގައި ތިބޭ މުވައްޒަފުންގެ ފަރަޤު ކުޑަކުރެވޭނެ ހަރުދަނާ މަސައްކަތެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

.jpg&w=256&q=75)
