މުސުމާއިި ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން، ޒަމާނީ ބަދަލުތަކާއެކު މޫސުން އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.
މޫސުން އެޕްލިކޭޝަނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.
މެޓް އޮފީހުގެ މޫސުން އެޕްލިކޭޝަން އަދި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފެވެ.
"މޫސުން އެޕްލިކޭޝަން"އަކީ މޯބައިލް ފޯނުން ކޮންމެ ވަގުތަކުވެސް މޫސުމާއި ގުޅޭ މަޢުލޫމާތު ބަލާލެވޭނެހެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި ހިމެނޭ މަޢުލޫމާތުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ބަލާލެވޭނެކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. ކުރީގެ އެޕްލިކޭޝަންގައި ރާއްޖޭގެ 5 ސްޓޭޝަނެއްގެ މަޢުލޫމާތު ހިމަނާފައިވާ ނަމަވެސް ފަހުގެ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ 516 ހިސާބެއްގެ މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަލީ ޝަރީފް ވިދާޅުވީ އިފްތިތާހު ކުރެވިގެންދިޔަ އެޕާއި ވެބްސައިޓްގެ ޒަރީއާއިން ބޭނުންވަނީ އާންމުންނަށް ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ތަޖުރިބާތަކަށާއި، އާންމުން މިފަދަ ވަސީލަތަކުން އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމަށް ފުންކޮށް ވިސްނުމަށްފަހުގައިކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އުފެއްދުމަކީ ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ނެރެދީފައިވާ އުފެއްދުމެކަން ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ފަރުމާކުރެވުނު މި އެޕްލިކޭޝަނަކީ އިންޑަސްޓރިއަލް ރަށްތަކާއި އެއާޕޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ފަޅުރަށްތައް ހިމެނޭނެހެން ޖުމްލަ 516 ފޯކާސްޓް ޕޮއިންޓްގެ މޫސުމާ ގުޅޭ ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތަކަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތް ކޮންމެ 3 ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެއެވެ. އަދި ރާއްޖޭގެ އެކި ސަރަަޙައްދުތަކުގައި ބެހެއްޓިފައި ހުރި ވެދަރ ރަރޑަރ ސިސްޓަމްތައް މެދުވެރިކޮށް އެވަގުތެއްގެ މޫސުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އޮންނަ ގޮތްވެސް ބަލާލެވޭނެއެވެ.
މި އެޕްލިކޭޝަނަކީ މޫސުމީ ކާރިސާގެ ވަގުތުގައިވެސް އާންމުންނަށް އަންގަން ބޭނުންވާ އެންގުންތަކާއި މެސެޖުތައްވެސް ފަސޭހައިން ފޯރުކޮށްދެވޭ ގޮތައް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން އެލަރޓްތަކުގެ މަޢުލޫމާތާއި، މޫސުން ދައްކުވައިދޭ ރަރޑަރާއި ސެޓެލައިޓް ފޮޓޯތަކާއި، ބިންހެލުމުގެ މަޢުލޫމާތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.

