logo

ތައުލީމީ ނިޒާމުން ޓިއުޝަން ސަގާފަތް ދޫކޮށްލަން ޖެހޭ: ވަޒީރު ޑރ. ޝަފީއު

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ރާއްޖޭގައި އަށަގަނެފައި އޮތް ޓިއުޝަންގެ ސަޤާފަތް ދޫކޮށްލާ، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާންޖެހޭ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިހެން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށެވެ.

މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުގެ އަލީގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ބައެއް ދަރިވަރުން ދުވާލަކު 4 ގަޑި6 ގަޑިއިރު ޓިއުޝަންގައި ހޭދަކުރާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.

އަދި އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު އިނާމްދިނުމުގެ 3 ދަންފަޅި ކުރިއަށްދާއިރު، މާދަމާ 2 ދަންފަޅިއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ad