ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އާރްޑީސީން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސައިޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާކަމަށެވެ.
ދެވަނަ ފިޔަވަހީގެ މަސައްކަތުގެދަށުން އޭދަފުށިން އިތުރު 5.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާރކިން ޖެހުމުގެ އިތުރުން ސައިން ބޯޑްތައް ހަރުކުރުން ހިމެނެއެވެ. ޖުމްލަ 75.6 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 3,500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ މަސައްކަތެކެވެ.
އޭދަފުށީގެ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފިޔަވަހީގައި 22,942 އަކަ މީޓަރުގެ ސަރަހައްދެއް އެކުލެވޭހެން ރަށުގެ 19 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ 34.4 މިލިއަން ރުފިޔާއަށެވެ.
ސަރުކާރުން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭދަފުށީގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، ރަށުގެ ބޮޑު ބައެއްގެ މަގުތައް ތަރުތީބުވެ، ރަށުގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

