މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދުވަނީ ހުރިހާ ދަރިވަރުންނަށްވެސް ރިޕޯޓުފޮތް ހަވާލުކޮށްފައެވެ.
ފުރަތަމަ ޓާމްގެ ޗުއްޓީގެ ގޮތުގައި ލިބެނީ 16 ދުވަހެވެ. ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު 2 ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާއިރު، ޑިސެންބަރު 17 ގައި ޓާމު ނިމޭނެއެވެ. އަދި ދަރިވަރުންނަށް ބޮޑު ޗުއްޓީގެ ގޮތުގައި 25 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އަހަރުގެ ކިޔެވުން އަންނަ އަހަރު ޖަނަވަރީ 13 ވަނަ ދުވަހު ފަށާނެއެވެ.
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1,748 ދަރިވަރުން ގްރޭޑް 1 އަށް ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އިތުރު ސްކޫލެއްވެސް ހުޅުވާފައެވެ. ގްރޭޑް 1 އިން ފެށިގެން 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުން 1900އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ.

.png&w=3840&q=75)