އދ. އަތޮޅުގައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން އެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ދުއްވަންޖެހޭ ދުވެލިތައް ކަނޑައަޅައި އެކަމަށް އަމަލުކުރަން ފަށައިފި އެވެ.
މި މެނޭޖްމަންޓް ޕްލޭނަކީ ސަމްޕާ ސަރަޙައްދުގެ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ މުހިންމު އުސޫލެކެވެ. މި ޕްލޭންގައިވާ ގޮތުން މި ސަރަހައްދުގެ އެކި ހިސާބުތަކުގައި އުޅަނދުފަހަރު ދުއްވޭނެ އެކި ދުވެލިތައް ކަނޑައަޅާފައިވެ އެވެ.
ސަމްޕާ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ދުއްވަންޖެހޭ ދުވެލިތަކެއް ކަނޑައެޅީ އެ ސަރަހައްދުގައި އުޅޭ ފެހުރިހި ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކަ އެވެ.
މި ސަރަހައްދަށް ވަންނަ އުޅަނދުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ނުވަތަ ޕްރޮޕެލާ ގާޑް ހަރުކުރަންޖެހެ އެވެ.
ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުގައި މަސައްކަތްކުރާ ގައިޑުންނަކީ ތަމްރީނު ލިބިފައިވާ، ސެޓިފައިޑް ބަޔަކަށް ވާންޖެހޭއިރު މި ސަރަހައްދަށް ޒިޔާރަތްކުރުމުގެ ކުރިން ރޭންޖަރުންގެ ހޮޓްލައިން އަށް ގުޅައި މައުލޫމާތު ހިއްސާކުރަންޖެހެ އެވެ.
އަދި ސަމްޕާ ސަރަޙައްދުގައި ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކުންވެސް މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ދުވެލީގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

