މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 822 ދޯނިން ޖުމްލަ 2،474.8 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވެ އެވެ. މިއީ ޖޫން މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 59 އިންސައްތަ އިތުރު އަދަދެކެވެ.
އެ ގޮތުން މިދިޔަ ޖުލައި މަހު މިފްކޯއަށް ކިރުވި 2،400.4 ޓަނުގެ ކަޅުބިލަ މަހަށް 47.9 މިލިއަން ރުފިޔާ ދޫކުރި އެވެ.
މިފްކޯއަށް މަސް ކިރުވި ދޯނީގެ އަދަދު އިތުރުވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް މުޅި ޖުމްލަ 2،474 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހާއި އަޅާބަލާއިރު 335.5 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު މަސްވެރިންނަށް މުޅި ޖުމްލަ 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 11.3 މިލިޔަން ރުފިޔާއެވެ. މިއީ، 339 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން 10 ކިލޯއިން މަތީގެ 11.7 ޓަނުގެ ކަންނެއްޔަށް 234،100 ރުފިޔާ އަދި 15 ކިލޯއިން މަތީގެ 62.7 ޓަނުގެ ކަންނެއްޔަށް 1.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.

