ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ މުހިންމު ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަތޮޅުތަކަށް އަސާސީ މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ރަސްމީކޮށް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އިންތިޒާމަކީ އަސާސީ ބާވަތްތަކުގެ ލިސްޓު 26 އިން 80 އަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯ އިން މިހާރު ވަނީ މި 80 ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ކުންފުނިން ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ. މި ސިޔާސަތުގެ ދަށުން، އެސްޓީއޯ އިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ ބަދަލުގައި، ރަށްރަށުގެ ވިޔަފާރިވެރިންނަށް ހޯލްސޭލް ރޭޓުގައި މުދާ ދޫކޮށް، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެ، އިތުރަށް ފުޅާވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީ ބުނެއެވެ.
މި ހިދުމަތް އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ދިނުމަށްޓަކައި، ރަށްރަށުގައި ހަރަކާތްތެރިވާނެ އޭޖެންޓުންގެ ލިސްޓު ވެސް އެސްޓީއޯ އިން މިހާރު ވަނީ އާންމުކޮށްފައެވެ.
އަލަށް ކަނޑައެޅުނު އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:
- 20 ބާވަތުގެ މޭވާ
- 20 ބާވަތުގެ ތަރުކާރީ
- އާންމުކޮށް ގޭބިސީތަކުގައި ކެއްކުމަށާއި ކެއިންބުއިމަށް ބޭނުންކުރާ 37 ބާވަތެއްގެ ކާބޯތަކެތި
- ކާބޯތަކެތީގެ އިތުރުން ހިމެނޭ އަސާސީ 3 ބާވަތެއް ހިމެނެއެވެ.
މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ގެނެވުނު ވަރަށް މުހިންމު އަދި އެދެވޭ ބަދަލެކެވެ.

.jpeg&w=3840&q=75)