ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ފަސްވަނަ ބުރު ފުރިހަމަކޮށް، އިތުރު 91 ޒުވާނަކު ސަނަދު ހާސިލްކޮށްފިއެވެ.
މި ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒުވާން ޚަތީބުންނަށް ލިބުނު ސަނަދަކީ ބޮޑު ބިންގަލެއް ކަމަށާއި އިތުރު ޢިލްމާއި ތަމްރީނު ހޯދަންޖެހޭނެ ކަމަށެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް ޚަތީބުކަމަކީ އެމީހެއްގެ ހަޔާތުގައި ފަހު ދުވަހާ ޖެހެންދެންވެސް އެމީހާއާއެކުގައި ދަތުރުކުރާނެ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި ޚުތުބާކިޔުމުގެ ހުނަރު ކުއްޖެއްގެ ކިބައިގައި ހުރުމަކީ އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާ ވަރަށް ރަނގަޅު ސިފައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދަސްވެނިވި ޚަޠީބުން މިސްކިތުން ހަމައެކަނި ފެންނަން ޖެހޭނީ ހުކުރު ދުވަހު ނޫންކަމަށާއި، ޖަމާއަތުގައި ނަމާދުކުރުމާއި އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ޚަޠީބުން ވާންވާނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާންތަކެއް ވަންދެއް އިމާމުކަން ކުރަމުން ދިޔަ ޖީލެއް ނެތިވާން ކައިރިވެފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ބައެއް ރަށްރަށަށް އެހެން ރަށްރަށުން ޚުތުބާ ކިޔާ މީހުން ގެނެސް އެކަން ކުރަމުން ދިޔަ ދިއުމަށް ޒުވާން ޚަތީބުންގެ މި ޕްރޮގްރާމުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ.
އިމާމްކަމުގެ ސެޓްފިކެޓް ލެވެލް 1، 2، އަދި 3 ހެދުމަށްފަހު އެކަމަށް ނުކުންނަ މީހުންނާއި، ރާއްޖޭގެ ތަޢުލީމީ މަންހަޖުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާން އުނގެނިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލުކަމާއި އަހުލިއްޔަތުކަން ހުންނާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން އުފައްދާފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިއާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މިއަދު މިފަދަ ޖީލެއް ނުއުފައްދައިފިނަމަ ރާއްޖޭގެ މުސްތަޤުބަލަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ޚުޠުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ އިތުރުން ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނު ދެވޭ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހިންގާ މި ޕްރޮގްރާމް ޚާއްޞަކޮށް އަމާޒުކޮށްފައި ވަނީ ގްރޭޑް 10 11 އަދި 12 ގައި ތަޢުލީމް ޙާސިލްކުރާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށެވެ.

