މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ މާލޭގެ އުތުރުގެ ބޮޑުތަކުރުފާނު މަގުގެ 3، 2 އަދި 4 ވަނަ ސެގްމެންޓުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތެވެ. އެ މަސައްކަތްތަކުގެ ތެރެއިން 463 މީޓަރުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތް ނިންމާލާފައިވާކަމަށް ބުނެފައިވެއެވެ. އެއީ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތައެވެ.
އެމްޓީސީސީން ބުނީ، މީގެ ތެރޭގައި ތާވަލާ އެއްގޮތަށް މި ހަފްތާގެ ތެރޭގައި ނިންމާލި 150 މީޓަރުގެ ކޮންކްރީޓް މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، ނަރުދަމާ އާއި ފެން ހޮޅީގެ އާ ގުޅުންތައް ގާއިމުކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މަގު އަޑީގައި ވަޅުލާ ވިއުގަތަކުގެ މަސައްކަތް މިހަފުތާ ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމުގައި ބުނެފައިވެއެވެ.
މަޝްރޫއުގެ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޕޭވްމަންޓް ހެދުމާއި، މައި ފެން ހޮޅި ވަޅުލުމާއި، ކާބްސްޓޯން ޖެހުމާއި، ކެޗްޕިޓް ހެދުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ބެހެއްޓުމާއި މަގުގެ ސަބް-ގްރޭޑިން މަސައްކަތްތައް ހިމެނެއެވެ. މިހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އޭގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދާ ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ކައިރިން މާލޭގެ އަތޮޅު ފިހާރަތަކާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

