logo

ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީ އާއިއެކު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެއްބަސްވުމެއްގާ ސޮއި ކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ދެެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫގެ އިތުރުން ބ. ކިހާދޫއެވެ.

އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޙަމީދު އެވެ.

ދ. ބަނޑިދޫ

ދ. ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ރަށުގައި ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން، ދިގުމިނުގައި 170 މީޓަރު އަދި ފުޅާމިނުގައި 2 މީޓަރު ހުންނަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުން ހިމެނެއެވެ.

ހއ. މުރައިދޫ

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތެވެ.

ބ. ކިހާދޫ

ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމުގެ އިތުރުން 17,300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއު

ކޮންޓްރެކްޓާ: އެމްޓީސީސީ

ކޮންޓްރެކްޓްގެ މުއްދަތު: 600 ދުވަސް

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  1. ބަނދަރު އަދި ނެރު ފުންކުރުން.
  2. 8.56 ހެކްޓަރގެ ބިން ހިއްކުން.
  3. 266 މީޓަރުގެ އެއްގަމުތޮށިޖެހުން.
  4. 6 މޫރިންގް ބޮއި ހަރުކުރުން.
  5. ސޭންޑްފިލްޑް ބްރޭކްވޯޓާ ހެދުން.
  6. 692 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުން.
  7. 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  8. 132 މީޓަރުގެ ގްރޮއިން ޖެހުން.
  9. 2 ނެރު ބައްތި ހަރުކުރުން
  10. 45 މަގު ބައްތި ހަރުކުރުން
  11. ޕޭވްމެންޓް ހެދުން
  12. 180 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުން.
  13. 25 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން.

މި އެއްބަސްވުންތަކުގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާުޢު އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ad