logo

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން އިޢުލާންކޮށްފި

ދިޔާމާ އިބްރާހިމް
ގަޑިއިރެއް ކުރިން

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ތިންވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.

'ދިވެހިރާއްޖޭގެ ޙާލަތާއި ދުނިޔޭގެ އައު އީޖާދުތައް: މާލީ ގޮތުން ފުދުންތެރިކުރުވުމުގެ ކާމިޔާބު ޕުރޮގުރާމުތައް އިތުރަށް ތަރައްޤީކޮށް ޢާންމުކުރުން' މި ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެޖިފައިވާ މި ސެޝަނުގައި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބާރުވެރިކުރުވުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓަކައި ޒަކާތުގެ ދާއިރާގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާއާއި އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ މަންދޫބުން ބައިވެއިވާނެ ކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތު ދެއެވެ.

ޕެނަލިސްޓުގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ)ގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދާއި، ޚިދުމަތް ޖަމްޢިއްޔާގެ ބާނީ އަދި އިންސާނީ ޚިދުމަތްތެރިޔާ ޢަބްދުއްސަމީޢު އަޙްމަދާއި، ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ބީ.އެމް.އެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ވަލީދާ ޢަބްދުއްރަޙްމާން އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހްރާ މުޙައްމަދެވެ.

މި ސެޝަންގެ މޮޑަރޭޓަރަކީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢިނާޔާ މޫސާއެވެ.

ޒަކާތާ ބެހޭ ރަސްމީ އިދާރާތަކާއި، އިންސާނީ އެހީތެރިކަމުގެ ހަރަކާތްތަކާއި، އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަންކޮށްދޭނެ މި ސެޝަނުގައި، މުޖުތަމަޢު ބިނާކުރުމަށް ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާތަކުގެ އަލީގައި، މާލީ ގޮތުން ބާރުވެރިކުރުވުމަށް އެންމެ އެދެވޭ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރާނެ ކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، ހަމައެކަނި ވަގުތީ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، މާލީ މިނިވަންކަން ހޯދައި، އިޤްތިޞާދުގައި ފުރިހަމައަށް ޙިއްޞާވެވޭނެ ފަދަ ދެމެހެއްޓެނިވި ޙައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި މަޝްވަރާގައި އަލިއަޅުވާލާނެކަމަށް ޒަކާތު ހައުސް ބުނެއެވެ. އަދި ޢަމަލީ ތަޖުރިބާތަކާއި އައު އީޖާދީ ގޮތްތައް ޙިއްޞާކޮށް، ކާމިޔާބު މަސައްކަތްތައް އިތުރަށް ފުޅާކޮށް ދިވެހި މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތަށް އެކަންކަން ބައްޓަންކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރާނެއެވެ.

28 އޮކްޓޫބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ރެޒިލިއަންޓް"ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް"އެވެ.

ad