އެއްވެސް އުޒުރެއް ނެތި، ދަރިވަރުން ސުކޫލަށް ނުދާ މައްސަލައަކީ ބަލަންޖެހޭ ކަމެއް ކަމަށާ، އެކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށް ސުކޫލުތަކަށް އަންގަވާފައިވާނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ވަޒީރު ވަނީ މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދާކަން ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސުކޫލަށް ނުދާ ދަރިވަރުން ދެނެގަނެ އެކަމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ފެށުނީވެސް ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށާއި އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުން އެކަންތައް ދޫކޮށްލައިގެން ތިބި ކަމަށެވެ.
އެޓެންޑެންސް ޕޮލިސީއެއް އޮންނައިރު، ދަރިވަރުންގެ އެޓެންޑެންސް ސްކޫލްތަކުން ވުޒާރާއާއި ހިއްސާކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް ގަވައިދުން އެކަން ނުކުރާކަން ޝަފީއު ފާހަގަކުރެއްވިއެވެ.
ޝަފީޢު ވިދާޅުވީ މި ދުވަސްވަރު ސުކޫލަށް ހާޒިރުނުވާ ދަރިވަރުން އެންމެ ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މި ސަރަހައްދުގެ ސުކޫލުތަކުގެ 40 އިންސައްތަ ދަރިވަރުން ސުކޫލަށް ނުދާކަން ޝަފީއު ފާހަގަކުރެއްވިއެވެ.
ޝަފީއު ވިދާޅުވީ ސުކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ އެ ދަރިވަރެއްގެ އުނގެނުމަށް ގޯސް އަސަރު ކުރާނެ ދުވަހެކެވެ. އަދި، ތަކުރާރުކޮށް ސުކޫލަށް ނުދާނަމަ، ދަރިވަރުން ސުކޫލަށްދާ ހިތްނުވުން އެކަށީގެންވާކަން ޝަފީއު ވަނީ ފާހަގަކުރައްވައިފައެވެ.
ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ސްކޫލަށް ދަރިވަރަކު ނުދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް ވުޒާރާއިން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސުކޫލަށް ދަރިވަރުން ނުދާ މައްސަލައިގައި މި ސަރުކާރުން ފިޔަވަޅެއް ނާޅައި ދޫކޮށް ނުލައްވާނެ ކަމަށެވެ.

