އއ. މާޅޮހުގެ ދެކުނު ފަރާތަށް ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު މުޙައްމަދު މިންހާޖު ނިޔާވެފައިވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ.
ސ. ހިތަދޫ، މިންހާޖް، 2022 ވަނަ އަހަރު ގެއްލިފައިވާއިރު، ކޯޓުން ކުރި ޙުކުމާ ގުޅިގެން، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން މާދަމާ އޮންނާނެ ކަމަށް ވަނީ ނިންމާފައެވެ.
ހާދިސާ ހިނގި ދުވަހުން ފެށިގެން ދައުލަތުގެ ކަމާބެހޭ ސަލާމަތީ ފަރާތްތަކުން ކަނޑާއި ވައިގެ ވަޞީލަތްތައް ބޭނުންކޮށްގެން އެތައް ހާސް އަކަމޭލެއްގެ ބޮޑު ސަރަޙައްދެއް ބަލައި ފާސްކުރި ނަމަވެސް، މިންހާޖު ފެނިފައިނުވެއެވެ. އަދި ހާދިސާއަށް މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވޭތުވެފައިވާއިރު އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ލިބިފައިނެތުމާއެކު، އިސްލާމީ ފިޤުހުގައި ބަޔާންކުރާ ގެއްލިފައިވާ މީހުން (މަފްޤޫދު) ގެ އުޞޫލުތަކަށް ބަލާއިރު އޭނާ ދުނިޔޭގައި ހުރި ކަމަށް ނިންމޭނެ އެއްވެސް ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަށްވެސް ޙުކުމުގައި ވަނީ ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މިންހާޖުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ ޢާންމު ހުއްދަ ދޫކޮށްފައެވެ. އެގޮތުން މާދަމާގެ ހުކުރު ނަމާދަށްފަހު ކަށުނަމާދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިންހާޖު ދަތުރުކުރި އުޅަނދު އއ. ހިމަންދޫ ބޭރަށް ބަންޑުން ޖަހާލާފައިވަނީ 6 އޮކްޓޫބަރު 2022 ގައެވެ. މި ހާދިސާ ހިނގި ވަގުތު އޭނާއާއެކު ދަތުރުކުރި ޅ. ހިންނަވަރު، ގުޑްލަކް، ޢަލީ އަޙްމަދު ވަނީ ފުރާނަ ސަލާމަތްކޮށްފައެވެ. މިންހާޖު ނިޔާވެފައިވާ ކަމަށް ކަނޑައަޅައިދިނުމުގެ އަމުރަކަށް އެދި ޝަރީޢަތަށް މައްސަލަ ވެއްދީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ، ސ. ހިތަދޫ، މިންހާ، މުޒުނާ މޫސާ ދީދީއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު ވަނީ، ލޯންޗު ފުރޮޅާލި ގޮތާއި ހާދިސާގެ ވަގުތު ހުރި ނުރައްކާތެރިކަމަށް ރިޢާޔަތްކުރާއިރު އެއީ ޣަރަޤުވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑު، އިންސާނަކު ސަލާމަތްވުން ދުރު ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. އެ ހާދިސާއިން ސަލާމަތްވި ޢަލީ އަޙްމަދު ދިން ބަޔާނުގައި ބުނެފައިވާ ގޮތުގައި މިންހާޖު އެންމެ ފަހުން ފެނުނުއިރު އޭނާގެ ހަށިގަނޑުގެ ހާލަތު ހުރިގޮތުން އޭނާ ދިރިހުރުމުގެ ފުރުޞަތު ނެތި، ފުރާނަ ގެއްލިފައިވުމުގެ ފުރުޞަތު ބޮޑުކަން ސާފުވާ ކަމަށްވެސް ޙުކުމުގަ ވެއެވެ.


