ތަކެތީގެ އަގު ތިރިކުރަން މި ސަރުކާރުން ނިންމި އެއްވެސް ސިޔާސަތަކުން ރަނގަޅު ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ހަގީގަތަކީ މި ސަރުކާރު އޮތްހާ ހިނދަކު ތަކެތީގެ އަގުތައް އުފުލުމަށް ހުއްޓުމެއް ނާންނާނެކަން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުޅިވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ އިތުރުން މި ޕޯސްޓްގައި އޭނާ ބުނެފައިވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓް ދިގުކުރެވިދާނެ ކަމަށާއި ނަމަވެސް، ބާޒާރުގައި އެ ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލިގެން ދިޔަ ނިދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަރުކާރު މި ދަނީ ފެއިލްވަމުން ކަމަށެވެ. އަދި ޑޮލަރެއް ނުލިބޭ ކަމަށާއި ވިޔަފާރިތަކަށް ޓީޓީއެއް ނުހެދޭކަމަށެވެ. މި ކަންކަމުގެ ނަތީޖާ އަކީ ސަޕްލައި ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިޔުންކަމަށް އޭނާ ވަނީ ބުނެފައެވެ.
އެގޮތުން އިއްޔެއާއި ހަމައަށް ކެރެޓު ކިލޯއެއްގެ އަގު ހުރީ 170ރ. ގައި ކަމަށް ބުނެ މިސާލެއްވެސް ވަނީ ޖައްސަވާފައެވެ.
އަދި މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު ، މި އަހަރުގެ އޮކްޓޯބަރު މަހު އެއްގަމު މަހުގެ ބާވަތްތަކުގެ އަގު %23.97 މައްޗަށް ގޮސްފައިވާއިރު، ތަރުކާރީގެ އަގު ވަނީ %22.16 މައްޗަށް ގޮސްފައިކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

