ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، މި ސަރުކާރުން އުފައްދާފައި ވަނީ 30 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ސަރުކާރުގެ ފަސް އަހަރުގައި ކުރީގެ ދެ ސަރުކާރަށް ވުރެ ދަރަނި ކުޑަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި ޕީއެންސީގެ އެންމެ ސީނިއާ އެއް މެމްބަރު ސަލީމް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އުފައްދާފައި ވަނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ފަސް އަހަރު ނިމޭ އިރު 40 ބިލިއަނަށް ވުރެ ދަރަނި ބޮޑު ނުވާނެ ކަމަށެވެ. އެއީ ހަގީގަތް ކަމަށާއި ސަރުކާރުގެ ހިސާބުތަކުން އެކަން ފެންނަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ދަރަންޏެއް ދައްކައިގެން، ހަގީގަތުގައި ދަންނަވާ ނަމަ ގާތްގަނޑަކަށް ގާތްގަނޑަކަށް 30 ބިލިއަނަށް ދައުލަތުގެ ބަޖެޓް ދަރަނި މި އަންނަ އަހަރު ދާނެ. އޭގެ މާނައަކީ ހަަތަރު އަހަރު ދުވަހުން މި ސަރުކާރަށް އުފެއްދުނީ އެންމެ 30 ބިލިއަން ރުފިޔާ[ގެ ދަރަންޏޭ]. އޭގެ މާނައަކީ ފަސް ވަަނަ އަހަރަށް ދިޔައީމާ އަންނާނީ ގާތްގަނޑަކަށް 40 ބިލިއަން، އެންމެ ބޮޑުވެގެން ވެސް 40 ބިލިއަން،" ސަލީމް ވިދާޅުވި އެވެ.
"މިއީ ފާއިތުވެ ދިޔަ ދެ ސަރުކާރަށް ވުރެ ދަށް އަދަދެއް."
އަންނަ އަަހަރު ރާއްޖެއަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރަކީ ވެސް މީގެ ކުރިން އާމްދަނީ ލިބިފައި ނުވާ މިންވަރެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެހެންވެ، އަންނަ އަހަރު ދައުލަތުގެ އާމްދަނީން ރިކަރެންޓް ހަރަދު ހަމަޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.

