logo

ކުޑަ ކުޑަ ރަށަކުން އުފަންވީ، މާ ބޮޑު ތަކުރެއް!

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
މަހެއް ކުރިން

ހިޖުރީ ސަނަތުން 981 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ އެއްވަނަ ރޭ އިރު އުދަރެހުން ފާއްދާލީ ދިވެހިންނަށް އުފާވެރިކަމުގެ ކުލަ ފަވާލަމުންނެވެ. ދިވެހިންނަށް ބަރުދާސްތުކުރަން އުނދަގޫވި ވޭނާއި، ތަހައްމަލު ކުރި އަނިޔާއިން މިންޖުވީތީއެވެ.

މި ރިޕޯޓްގައި މި ބަލާލަނީ މިއަދު ރާއްޖޭގައި ފާހަގަކުރަމުން މިދާ ގައުމީ ދުވަސް ނިސްބަތްވާ އުތީމު ބޮޑު ތަކުރުފާނުގެ ގައުމީ ގުރުބާނީއަށެވެ. ރާއްޖޭގެ އުތުރުގައި އޮތް ކުޑަ ކުޑަ ރަށަކުން އުފަންވި ބޮޑު ތަކުރަކީ ހއ. އުތީމަށް ނިސްބަތްވާ، މިއަދުގެ އަޅުގަނޑުމެންގެ ގައުމުގެ ފަޙުރު، އުތީމު މުޙައްމަދު ތަކުރުފާނެވެ. ޕޯޗުގީޒުންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްކޮށް އުޅުއްވި ހަގީގީ ހީރޯއެވެ.

އެ ގައުމީ ހީރޯ ގެ ވާހަކަތައް އަދިވެސް ދިރިދިރި ހުރި އިރު، ގައުމިއްޔަތަށް ނަޒަރު ހިންގާލަންޖެހެއެވެ. ދުވަހާ ގުޅިފައިވާ ގައުމީ މަލާއި ގައުމީ ރުއް ވެސް ހިމެނޭހެން، ގައުމީ ވަންތަކަމުގެ އަސްލު ސިފަ ކިޔައިދެނީ، ގައުމިއްޔަތުގެ އަގުމާތް ދަރިން މި ދިވެހި ގައުމު ސަލާމަތް ކުރި ގޮތެވެ. ގައުމުގެ ފަޚުރުވެރި ދަރިންނަކީ ޤައުމުގެ އުންމީދާ ގުޅިފައިވާ ގައުމުގެ ހުންގާނެވެ. ގައުމަށް ޖެހުނު ކޮންމެ ބޮޑު މުސީބާތެއްގައި މިގައުމުގެ ސަލާމަތަށް ނުކުތީވެސް ގައުމަށް، އަގަލު ޖެހުނު މި ބުނާ ދަރީންނެވެ.

ގައުމަށްޓަކާ ހަށިފޮޅާ ނުކުތް އުތީމު ތިންބެއިންގެ ވާހަކަ އޮތީ ތާ އަބަދަށް ދިރިދިރިއެވެ.

ގައުމީ ދުވަހަކީ ކޮބައިތޯ؟

ގައުމީ ދުވަސް ފާހަގަކުރަނީ ހިޖުރައިން 965 ގައި ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށް 15 އަހަރުވަންދެން ދިވެހީންގެ މައްޗަށް ވެރިވެގަތް ޕޯޗުގީޒުންގެ ކިބައިން ގައުމު ސަލާމަތްވީ ދުވަހާ ގުޅިގެންނެވެ. ޕޯޗުގީޒުންގެ މައްޗަށް ނަސްރު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އުތީމު ބޮޑުތަކުރުފާނެވެ. ގައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑުތަކުރުފާނުގެ ޖިހާދާއި ނަސްރު ފާހަގަކޮށް އެއްޖީލުން އަނެއްޖީލަށް އެ ހަނދާންތައް ވާރުތަ ކޮށްދިނުމެވެ. ރަސްމީ ގޮތެއްގައި މި ދުވަސް ފާހަގަކުރަން ފެށީ މީލާދީ ތާރީހުން 1946 ގައެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އާދެ! މުޙައްމަދު ތަކުރުފާނާއި، އެތަކުރުފާނަށް ބޯލެނބި މަދު މީސްކޮޅާއެކު ޕޯޗުގީޒުންނާއި ހަނގުރާމަކޮށް، އެބައިމީހުންގެ އަނިޔާވެރި ވަކިތަކުން ދިވެހި ވަޠަން ސަލާމަތްކޮށް، ދިވެހިންނަށް މިނިވަންކަން ހޯދައިދިނީ، ކުޑަ ބައްތެއްޔެއްގައި މާ ކަނޑަށް ނުކުންނެވި ހިތްވަރުގަދަ އުތީމު ތިން ބަދަވީންނެވެ.

ދިވެހިން ޕޯޗްގީޒުންގެ އަޅުވެތިކަމުގައި 15 އަހަރާއި 6 މަސްދުވަސް ހޭދަކުރީ ޖަހަމުންދިޔަ ތީރުތައް މެޔަށް ހަރަމުން ދިޔައިރުވެސް ދެން އެހެންގޮތެއް ނެތް ކަމަށްހީކޮށެވެ. ނަމަވެސް އުތީމު ތިންބެއިން ނުކުތީ ގައުމީ ލެއިން ހަށިފޮޅާލަންޖެހުނަސް ހެޔޮކަމަށް ހިތާ އުންމީދާއި ޔަގީންކަމާއެކުގައެވެ. އާދެ! ދިވެހި ގައުމާއި އިސްލާމީ މުޅި މި ބިން އެއްކޮށް އިސްތިއުމާރުކޮށް ދިވެހިންގެ ކަރަށް ރަލާއި ބަނގުރާ ގަދަކަމުން އަޅަމުން ދިޔައިރު ލޯމަރާލާފައި ނުތިބެވޭނެ ކަމަށް ބުނަމުންނެވެ.

ދިވެހި އަންހެނުންގެ އިއްފަތް ފޭރި ޕޯޗުގީޒުންގެ އަނިޔާވެރިކަން އޮތީ އިންތިހާ ދަރަޖައަށް ބޮޑުވެފައެވެ. އެ އަނިޔާވެރި ވެރިކަމުގެ ދުވަސްތައް ދިވެހި ތާރީޚުގައި ވަނީ އަނދިރި ދުވަސްވަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އެ އަނދިރިކަން ނިމުމަކަށް ގެނެސް އުތީމު ތިން ބެއިން ދިވެހި އުދެރެސް އަލިކޮށްލަދިނީ މިނިވަންކަމުގެ ނޫރުންނެވެ.

ދިވެހި ތާރީޚު ލިޔާ ލިޔުންތެރިން ގައުމީ ދުވަސް ސިފަކުރަނީ ”ދިވެހިންގެ މި ބިމާއި މި މާ ކަނޑުތައް ދިވެހީންގެ ލެއިން ރަތްކުރި ޚާއިނުންގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ބީދައިންނެވެ. ލާއިންސާނިއްޔަތާއި އަނިޔާވެރިކަމުގެ ޝިކާރައިން މި ފަސްގަނޑު ސަލާމަތުގެ އަސޭރިއެއްގައި ބޭއްވުމަށް މަސައްކަތްކޮށް އަދާ ހަމަޔަށް ފޯރު ކޮށްދީފައިވަނީ ތިލަދުންމަތީ އުތުރުބުރީ އުތީމު ހުސައިން ޚަތީބު ތަކުރުފާނުގެ، 3 ދަރިކަލުން، މުޙައްމަދު ތަކުރުފާނާއި ހަސަން ތަކުރުފާނާއި އަލީ ތަކުރުފާނު ފެއްޓެވި ވަރުގަދަ ގައުމީ ޖިހާދުންނެވެ.

ފެއްސާއި ރަތާއި ހުދުގެ މިނިވަން ދިދަ މިނިވަންކަމާއެކު މިއަދު މި ފަސްގަނޑުގައި ވިހުރެނީ މި ދިވެހި ފަސްގަނޑަށް ޓަކައި އެތައްބަޔަކު ލެއިންވި ގުރުބާނީގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްވެސް އެފަޚުރުވެރި އަބްތާލުންގެ ޒިކުރާ އާކުރާފަދައެވެ.

އޭރުގެ އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު ފަދައިން އަދުގެ ދިވެހި ޒުވާނުންވެސް ގައުމިއްޔަތާއި މިނިވަންކަމާމެދު ވިސްނާ ފިކުރުކުރާން ޖެހެއެވެ. ތިމަންނާއީވެސް އެ ބަޠަލުން މި ޤައުމުދެކެ ވީ ލޯބިވާ، ޤައުމުގެ ދިފާޢުގައި، މިނިވަންކަމުގެ ޙައްޤުގައި، ޤުރުބާންވެދާން ތައްޔާރަށް ހުރި މީހެކޭ ބުނެވޭނެ ފަދަ ފަޚުރުވެރި ހިތްވަރުގަދަ ދިވެއްސަކަށް ކޮންމެ ދިވެހި ދަރިއަކު ވާން ޖެހެއެވެ. ޤައުމިއްޔަތު ދިރުވޭނީ އޭރުންނެވެ. މިނިވަންކަން ދެމެހެއްޓޭނީ އޭރުންނެވެ.

ad