logo

ރިޕޯޓް: އުމުރުގެ ގޮތުން ތަފާތު ބޮޑު ބައިވެރިއެއް ޚިޔާރުކުރުމަކީ މައްސަލައެއްތަ؟

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
މަހެއް ކުރިން

މިއަދުގެ ދުނިޔޭގައި އުމުރުގެ ތަފާތު ބޮޑު ދެ މީހުން ކައިވެކުރުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ހުޅަނގުގެ ޤައުމުތަކުން ފެށިގެން މި ރާއްޖޭގައިވެސް މިއީ މިހާރު ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ ފިރިހެނުންނާ ކައިވެނި ކުރާ ޒުވާން އަންހެނުން ފަހަކަށް އައިސްވަނީ ރާއްޖޭގައި އިތުރުވާން ފަށާފައެވެ. މިފަދަ ކައިވެނިތަކަކީ އޭގައި ގިނަ ގޮންޖެހުންތަކެއް އެކުލެވޭނެ ކައިވެނިތަކެއްކަން ގައިމެވެ. ޚާއްޞަކޮށް މުޖުތަމަޢުގައި މީހުން މިކަމާ މެދު 'ނެގެޓިވް' ވިސްނުމެއް ގެންގުޅުމާއި އެފަދަ ކައިވެނިތައް ކުރަނީ 'ފައިސާއަށް' ދަހިވެތިވެގެންކަމަށް ބުނެ ކިޔާ ފާޑުތަކާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވާނެކަން ގައިމެވެ. ނަމަވެސް ޙަޤީޤަތަކީ މި ފަދަ ކައިވެނިތަކަކީ އޭގައި ގިނަ ފައިދާތަކެއްވެސް އެކުލެވިގެންވާ ކައިވެނިތަކެއެއްކަމެވެ.

މި ރިޕޯޓުގައި މިބަލާލަނީ މިފަދަ ކައިވެނިތަކުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާއި ފައިދާތަކާއި އަދި ކައިވެނި ދަމަހައްޓަސް ސަމާލުކަން ދިނުން މުހިންމު ކަންކަމަށެވެ.

ޖެނެރޭޝަނަލް ގެޕްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް

އުމުރުގެ ތަފާތު ބޮޑު ދެމީހުންގެ ކައިވެނީގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖެނެރޭޝަނަލް ގެޕްގެ ސަބަބުން ކުރިމަތިވާ ތަފާތުތަކެވެ. މީގެ ތެރޭގައި ހިމެނެނީ:

- ދިރިއުޅުމުގެ ތަޖުރިބާގެ ތަފާތު

- ވިސްނުމާއި ފިކުރުގެ ތަފާތު

- ޓެކްނޮލޮޖީއާ މެދު ދެކޭގޮތުގެ ތަފާތު

- މުނިފޫހިފިލުވުމުގެ ކަންކަމުގައި ހުންނަ ތަފާތު

އުމުރުގެ ތަފާތުން ލިބޭ ފައިދާތައް

މިފަދަ ގުޅުންތަކުގައި ވަރަށް ގިނަ ފައިދާތަކެއް ވެސް ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ދިރިއުޅުމުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު

- އެކަކު އަނެކަކުގެ ކިބައިން އުނގެނުމުގެ ފުރުސަތު

- މާލީ ގޮތުން ފުދުންތެރިކަން ބޮޑުވުން

- ޒިންމާދާރުކަން އިތުރުވުން

ދިވެހި މުޖުތަމަޢުގެ ނަޒަރުން

ދިވެހި މުޖުތަމަޢުގައި އުމުރުގެ ތަފާތު ބޮޑު ކައިވެނިތަކާމެދު ދެކޭގޮތް ތަފާތެވެ. ކުރިންވެސް ދެންނެވި ފަދައިން މިފަދަ ކައިވެނިތަކާމެދު ގިނަ ބަޔަކު 'ނެގެޓިވް' ނަޒަރިއްޔާތަކުން ބަލާ ގޮތް ފާޑުކިޔައެވެ. ނަމަވެސް، އިސްލާމްދީނުގައި ހުއްދަވެގެންވާ ގޮތުގައި ކުރެވޭ އެ ފަދަ ކައިވެނިތަކަށް އެ ބީދައިން ފާޑު ކިޔުމަކީ އެންމެ ރަނަގަޅު ގޮތްތޯ ވިސްނާލުން ބުއްދިވެރިއެވެ. 'ޖަޖްމެންޓަލް' ވެގެން ދެމީހެއްގެ ހިތު ތެރޭގައި ފޮރުވިފައިވާ ޖަޒުބާތުތައް ނުވަތަ އެމީހުންގެ ނިޔަތް ނޭނގޭ ހާލު، "ގޯލްޑް-ޑިގަރ" ފަދަ ދުލަށް އަންނަހާ ބަސްތައް ބޭނުންކޮށް ސޯޝަލް މީޑިއާގައި ހިތުހުރި އެއްޗެއް ކިޔުމަކީ ގޯސް ގޮތެއްކަން ގައިމެވެ.

ގުޅުން ދެމެހެއްޓުމަށް ސަމާލުކަންދޭންޖެހޭ ކަންކަން

އެހެން ހުރިހާ ކައިވެނި ތަކެކޭ އެއްފަދައިން މިފަދަ ކައިވެންޏެއްވެސް ކާމިޔާބުކުރުމަށް ދެމީހުން އެކުގައި މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން ކުރަން މުހިންމު ކަންކަން:

- އެކަކު އަނެކަކަށް އިޙްތިރާމްކުރުން

- ހުޅުވިގެންވާ މުވާސަލާތެއް ބޭއްވުން

- އެކަކު އަނެކަކުގެ ތަފާތުތައް ޤަބޫލުކުރުން

- ކެތްތެރިކަމާއެކު ކަންކަމާ ކުރިމަތިލުން

ޞިއްޙީ އަދި ޖިސްމާނީ ކަންކަމަށް ސަމާލުވުން

އުމުރުގެ ތަފާތު ބޮޑު ކައިވެނިތަކުގައި ޞިއްޙީ އަދި ޖިސްމާނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ތަޖުރިބާކާރުން ވިދާޅުއެވެ. މީގެ ތެރޭގައި ދަރިމައިވުމުގެ ކަންކަމާއި، ބަލިވެއިނުމުގެ ރިސްކްތަކާއި، އުމުރުން ދޮށީ މީހާގެ ޞިއްޙަތަށް ސަމާލުވުން ހިމެނެއެވެ.

ކޮންމެއަކަސް، ނިންމާލަމުންވެސް ފާހަގަކޮށްލަން އޮތީ، އުމުރުގެ ތަފާތު ބޮޑު ކައިވެނިތަކަކީ އޭގައި ޚާއްޞަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރަނގަޅަށް ބައްޓަންކޮށްފިނަމަ ވަރަށް ކާމިޔާބު ގުޅުމަކަށް ހެދިދާނެ ގުޅުމެއް ކަމެވެ. މިފަދަ ގުޅުމެއް ކާމިޔާބުކުރުމަށް މުހިންމީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، މުޖުތަމަޢުގެ ފާޑުކިޔުންތަކާއި ދިމާވާ އެހެނިހެން ގޮންޖެހުންތަކާވެސް، ކެތްތެރިކަމާއެކު ކުރިމަތިލުމެވެ.

ad