logo

މިދުވަސްވަރު ރޯގާ އިތުރުވާތީ ސަމާލުވާން އެދިއްޖެ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މިދުވަސްވަރު އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާ ކަަމަށެވެ. އެހެންކަމުން ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އާދައިގެ ރޯގާއާއި އިންފްލުއެންޒާގެ އަލާމަތްތައް އެއްގޮތްވި ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ބަލިތަކެކެވެ. އެހެން ނަމަވެސް އާދައިގެ ރޯގާއަށްވުރެ އިންފްލުއެންޒާއިން ކުރާ އަސަރު ބޮޑުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން، ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން ކުޑަކަމު ނުދެވުމާއި، ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ވަރުބަލިވުމާއި، ގާތުން ކިރުބޯކުދިން ރަނގަޅަށް ކިރު ނުބުއިން ފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާ ޖެހިއްޖެނަމަ 5 އަހަރުން ދަށުގެ ކުދިން، ހާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ބަލީގެ ހާލަތު ސީރިއަސްވުން އެކަށީގެންވާ ކަަމަށެވެ.

ad