logo

ބުލީކުރުން ހުއްޓުވުމަށް ގާނޫނެއް އެކުލަވާލަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރު ޤާނޫނުލް އުޤުބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ޤާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބާކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އެކި އިދާރާތަކަށް ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތުތަކެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު ފިޔަވަޅުއަޅާނެ ނިޒާމެއް އެކުލަވާލުމާއި، ގަވާއިދުން މައްސަލަ ސެންޓަރަލް އޭޖެންސީއަކަށް ހުށަހެޅުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ތަފްސީލު ކުރުމުގެ އިޖުރާއަތުތައް މި ބިލުގައި ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި އެތަންތަނުން ޚިދުމަތްދޭ ފަރާތްތައް ހިމެނޭހެން އެފަރާތްތަކުގެ ހައްޤުތަކާއި ޒިންމާތައް ތަފްސީލްކޮށް އެނގޭނެހެން ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކި މާހައުލުތަކުގައި ބުލީކުރުން ހުއްޓުވުމުގެ އިތުރުން އޮންލައިންކޮށް ބުލީކުރުން ހުއްޓުވުމަށްވެސް ޤާނޫނުގައި ހިމަނުއްވައި އެކަމަށް އިޖުރާޢާތައް ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ އިތުރުން ބުލީކުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާއި މަސައްކަތް ކުރާނެ މުޢައްސަސާތައް ޤާނުނުގައި ބަޔާން ކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ބޭރު ޤައުމުތަކުގައިވެސް މިކަން އެންމެ ރަނގަޅަށް، ތަންފީޒުކުރަމުންދާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތްތައް ޤާނޫނު އެކުލަވާލާއިރު ބައްލަވާނެ ކަމަށެވެ.

ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާއިރު މިފަހުން ހިނގި މިފަދަ ހާދިސާތަކަކާއެކު އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ad