logo

ރެޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ސަމާލުވާން އެދިއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ރެޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް މޯލްޑިވްސް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެސްއޭއެސް މެޑިކަލް މޯލްޑިވްސް ކޮލެޖުގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ މަރުކަޒަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ

އެގޮތުން އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ނޫނީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން އާންމުންނަށް އޮޅުންއަރާ ގޮތަށް އެ ކޮލެޖު އިޝްތިހާރުކުރަމުންދާތީ، ދަރިވަރުންނާއި ބެލެނިވެރިން އެކަމަށް ސަމާލުވުމަށް ވުޒާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ad