އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ހަމައެކަނި ސްރީ ލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
އީސީން ބުނި، ގޮތުގައި އެހެން ގައުމުތަކުގައި ފޮށި ނުބަހައްޓަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް މީހުން ހަމަނުވާތީކަމަށެވެ. ކޮންމެ ގައުމެއްގައި މަދުވެގެން 2,000 މީހުން ރަޖިސްޓްރީ ކުރަން ޖެހޭއިރު، އެއް ދާއިރާއަކުން ވޯޓުލާ 40 މީހުން އެ ފޮށްޓަކަށް ރަޖިސްޓަރީވާން ޖެހޭނެއެވެ.
ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމުގައި އީސީން ދަނީ ހަރަދުތަކަށާއި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށްޓަކައިއެކަންތަކަށް ރިއާޔަތްކޮށް މަދު ބަޔަކު ވޯޓުލާ ނަމަ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތުމާ އެކު، އެކަމަށް އިސްކަންދީގެން ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި މީހުންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން މި ނިންމުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ.
އީސީން ބުނީ، ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓު ހިންގާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަނީ އެންމެ 50 ރިސޯޓުގައި ކަމަށެވެ. އަދި އެއީ ވޯޓުފޮށި ބަހައްޓަން ބޭނުންވި ރިސޯޓުތައް ކަމަށާއި ބޭނުން ނުވާ އެއްވެސް ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށެވެ.
މިގޮތަށް ނިންމި ސަބަބަކީ އެއީ ރިސޯޓުތަކަކީ ވަކި ބައެއްގެ ޕްރޮޕަޓީތަކެއް ކަމަށް ވާތީ އެ ތަންތަނުގައި ފޮށީ ބެހެޓެނީ އެ ރިސޯޓަކުން ބޭނުން ވާނަމައެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ބަލާފައި 50 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަން ނިންމީ ކަމަށް އީސީން ބުނެއެވެ.
މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅުމުގެ ފުރުސަތު އޮޮންނާނީ، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް (my.elections.gov.mv) މެދުވެރިކޮށެވެ.

