logo

ވޯޓުލުމަށް 26000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި، 26،000 އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓްރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލިއެވެ. އަދި އެމުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ.

އީސީން މަޢުލޫމާތު ދީފައިވާގޮތުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26،454 މީހަކު ރަޖިސްޓްރީވެފައިވެއެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައިވާކަމަށާއި ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ނުވާކަމަށްވެސް އީސީން ބުންޏެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ބުރުގައި 22،000 މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހެޅިކަމަށެވެ. އެއާއެކު، އެހެން އިންތިޚާބުތަކާ އެއްގޮތަށް މިފަހަރު ބާއްވާ އިންތިޚާބުތަކުގައިވެސް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފާފައިވާކަން ޙަސަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި، 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ، 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށް ފަހުއެވެ.

ސިޔާސީ 6 ޕާޓީއަކުން ވާދަކުރާ މިއިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މި އިންތިހާބުގައި 2960 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި ޕީއެންސީން 1322 ކެންޑިޑޭޓުންނާއި އެމްޑީޕީން 905 ކެންޑިޑޭޓުން ހިމެނެއެވެ. ޖުމްހޫރީ ޕާޓީން 15 ދާއިރާއަކަށް ވާދަކުރާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން 57 ގޮނޑިއަށް ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީން 9 ގޮނޑިއަށް ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއެވެ.

ad