ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފި އެވެ.
ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މެޝިނަރީތައް ދިވެހި ސަރުކާރާއި ވަނީ ހަވާލުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މިހާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދު ރާއްޖެ ގެނައި ފަހަރެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން، ފެއްޓެވި މަސައްކަތެކެވެ.
މަޝްރޫއުތަަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ގެންނަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި ސަރުކާރުން އުފެއްދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް)އާ ހަވާލު ކުރީ މިދިޔަ ފެބްރުއަރީ މަހެވެ.
އާރްޑީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުތަކަށާއި، އެހެނިހެން އުމްރާނީ މަސައްކަތްތަކަށް ބޭނުންވާ ޖުމްލަ 230 މެޝިނަރީ ރާއްޖެ ގެނެސްފައިވާ ކަަމަށެވެ. މީގެ ތެރޭގައި މަގުހެދުމަށް ބޭނުންވާ އެންމެ ޒަމާނީ އަސްފާލްޓް މެޝިނަރީ ނުވަތަ ތާރު އެޅުމަށް ބޭނުންވާ ސާމާނުވެސް ހިމެނެެއެވެ.
އަދި މި މަޝްރޫއުގެ ދަށުން، މި ތަކެތި ދާއިމީކޮށް ދެމެހެއްޓުމަށާއި، މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އެކްސްސީއެމްޖީއާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި މެޝިނަރީތައް މަރާމާތު ކުރާނެ މަރުކަޒަކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އާރްޑީސީން ބުނެއެވެ.
އަދި މީގެ ސަބަބުން މެޝިނަރީތަކަށް މައްސަލައެއް ދިމާވިޔަސް، ރާއްޖެއިން އޭގެ ހައްލު ލިބޭނެ މަގު ހަމަޖެހިގެންދާނެ ކަަމަށް އާރްޑީސީން ބުނެއެވެ.
މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، އާރްޑީސީން ކުރަމުންދާ ތަަރައްގީގެ އެކިއެކި މަޝްރޫއުތަކަށް، އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތް ކަންތައްތަކަށް ވަަރަށް އެދެވިގެންދާ ހައްލެއް ލިބިގެންދިޔަ ދުވަސް ކަަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރު އިއްވެވި ބަޔާނުގައި އެމަނިކުފާނު ވަނީ، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

