ކުޑަކުދިން ލައްވައި ކުށްކުރުވާ އެކުދިންގެ ނަހަމަ ފައިދާ ނަގާ މީހުންނަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ހިދުމަތުން އެފަދަ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ސީޕީ ވަނީ ދެއްވާފައެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަމަށް ސީޕީ ވިދާޅުވިއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަކީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އެންމެންގެ އިޖުތިމާއީ ޒިންމާއެއްކަން ފާހަގަކުރައްވައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ސީޕީ ވަނީ ގޮވާލައްވާފައެވެ.
މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
އުމުރުން 16 އަހަރުގެ ކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ކުށްކުރުމަށް ބޭނުންކުރިކަމުގެ ތުހުމަތުގައި މިދިޔަ ފެބުރުވަރީ 1 ވަނަ ދުވަހު މާލޭ ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއްދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.

