ފިތުރުގެ އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ކުރިއަށްގެންދާ "އީދު ހަވީރު" ގިނަ ހަރަކާތްތަކާ އެއްކޮށް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ މި ހަވީރު، މިއަދުން ފެށިގެން ތިން ދުވަހަށް މާލޭގެ ޖުމްހޫރީ މައިދާނާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ފޭސް އެކެއް ސެންޓްރަލް ޕާކާއި ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދުގައި އޮންނާނެއެވެ.
ޢީދު ދުވަހާ ގުޅިގެން، ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00އަށް، މާލޭ ސަރަހައްދުގައި ކުރިއަށް ދާނެއެވެ. "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ.
މި ހަވީރުގައި އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް އެމްއެންޑީއެފުން ވަނީ ހިމަނާފައެވެ. އެގޮތުން، ރެޕަލިން ޓަވަރާއި ފޯމް ޕޫލާއި ޔޫއޭވީ ސިމިއުލޭޝަން ހަރަކާތްތަކާއި އެމްއެންޑީއެފްގެ ވެހިކަލްތައް ބަލާލައި، ފޮޓޯ ނެގުމުގެ ފުރުސަތު ލިބުން ހިމެނެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް ކުޑަކުދިންނަށް ޚާއްސަކޮށް ބާއްވާ މި ފަދަ ހަވީރުތަކަށް ބޮޑެތި ތަރުހީބުތައް ލިބެއެވެ. އަދި، އެ ފަދަ ތަންތަނަށް ގިނަ އާއިލާތައް ޖަމާވެއެވެ.

