logo

މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް ހުޅުވާލަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ދުވަސް ކުރިން

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި، އެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މިއަދު ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިންނެވެ. މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރ ސިނާއަތް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމެވެ. މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ގާއިމުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެކަމަށްފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މެރިކަލްޗަރ ފައިނޭންސިންގއަށް އަށް އެދި ހުށަހެޅުމަށްwww.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، 13 ޑިސެންބަރު 2025 ގައި ހުޅުވާލެވޭނެއެވެ.

ad